ރާއްޖޭގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 18.5 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މި އެހީއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ޓަކެއުޗީ މިދޯރީއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޖަޕާނުން ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވަނީ އެ ޤައުމުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމެންޓް ޕްރޮގުރާމްގެ ދަށުންނެވެ. މި އެހީގެ ސަބަބުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަރުދަނާކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
”ކޮރަޕްޝަންގެ ސަބަބުން އިޤުތިޞާދަށް ނޭދެވޭ އަސަރުކުރޭ. އަދި މާލީ ގޮތުން ދަތި ހާލަތަކަށް ޤައުމު ވައްޓާލާ. މިކަން ވެނުދިޔުމަށްޓަކައި އޭސީސީންކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ބާރެއް މި އެހީއަކީ.“ ވަޒީރު ވިދާޅުވިއެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިދޯރީ ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތުގައި އެއްބާރުލުންދޭން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން އަށަގެންނެވުމަކީ ޤައުމެއްގެ ތަރައްޤީއަށް ވަރަށް މުހިންމުކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު އުންމީދުކުރަނީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިވާނެކަމަށް މި އެހީގެ ސަބަބުން. އަދި މި އެހީގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް އުންމީދުކުރަން. އުންމީދުކުރަނީ މި އެހީގެ ސަބަބުން ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް.“ ސަފީރު ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުން ފޯރުކޮށްދިން އެހީގެ ތެރޭގައި ފައިސާގެ އެހީއާއި 14 ވެހިކަލާއި 2 ކަނޑު އުޅަނދު ހިމެނެއެވެ. މި އެހީގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭސީސީގެ ޤާބިލުކަން އިތުރުވެ، އެ އިދާރާގެ މަސައްކަތްތައް އަވަސްކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.




