އަރިއަތޮޅު އުތުރުބުރީގެ ތަރައްޤީއަށް އެއަރޕޯޓު މުހިންމުކަމަށާއި އެކަން ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ޕާސްޕޯޓު ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް އެއަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އިތުރު އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އއ އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓު މަޝްރޫޢަކީ އއ. އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ހަނދުމަފުޅުކޮށްދެއްވައި، މިފަދަ ކަންކަމުން ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.



