ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށްދަނިކޮށް ހުއްދަ ނެތި އެތަނުން ނުކުމެގެން ދިޔުމުގެ ސަބަބުން ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަންހެން މީހާއަށް ފެމިލީ ކޯޓުން މަޢާފު ދީފިއެވެ.
މިދިޔަ މަހު ފެމިލީ ކޯޓުގެ އަޑުއެހުމެއް ކުރިއަށްދަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެކަން އަންގާފައި ވަނިކޮށް، އެ އަންހެން މީހާ ހުއްދަ ނެތި ނުކުމެގެން ދިޔުމުން އޭނާއަށް ތިން ދުވަހުގެ ޖަލު ހުކުމެއް ކުރިއެވެ.
ނަމަވެސް، އެ މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް އެ މީހާ ފަހުން އިއުތިރާފުވެ، އެކަމަށް މަޢާފަށް އެދުނެވެ. ފެމިލީ ކޯޓުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު ހުކުމުގައި ބުނެފައިވަނީ، ކޯޓުގެ ހުރުމަތް ކެނޑުމުން އަޅާ ފިޔަވަޅެއް މަޢާފު ކުރެވޭނެ ގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، މަޢާފުކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
މި ސަބަބަށްޓަކައި، އެ އަންހެން މީހާ ތިން ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމް ތަންފީޒު ނުކޮށް، އޭނާ ދޫކޮށްލުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.



