އަންނަ ރަމަޟާން މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިދިޔަ އަހަރު ރޯދަ މަހު ބޭނުންކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސް ނިންމަވާފައިވާއިރު، މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.
”ރަމަޟާން މަސް އަންނަ މާގިނަ ދުވަހެއް ނެތް. މިދިޔަ ފަހަރު ދިންހެން. ރާއްޖޭގައި އަލަށް ބިލުތަކުން އަޅުގަނޑުމެން ޑިސްކައުންޓް ދިންހެން އަނެއްކާވެސް އެ ޑިސްކައުންޓް ދޭނަން އިރާދަކުރެއްވިއްޔާ. އަދި އޭގެ އިތުރަށްވެސް އަޅުގަނޑުމެން ވީހާވެސް ގިނަ އެހީތެރިކަން، ވީވަރަކުން ކަންކަމުގައި ޚަރަދުތައް ލުއިކޮށްދީގެން، އާމްދަނީ އިތުރުކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދާނީ.“ ރައީސް ވިދާޅުވިއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ. މީގެ އިތުރުން، އަންނަ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން މި މަސްދަޅު ކޭސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯއިން ވަމުންދާކަން މީގެ ކުރިން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މިދިޔަ ރޯދަމަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއްވެސް ދީފައެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވެއެވެ.
މި އިޢުލާނާއެކު، ސަރުކާރުން ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. ރަމަޟާން މަހުގެ ޚަރަދުތައް ލުއިކޮށްދިނުމާއި، އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ރޭވަމުންދާކަން ރައީސްގެ ވާހަކަފުޅުން ދޭހަވެއެވެ.



