އއ. މަތިވެރީގައި ހުންނަ ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ހިންގަމުން އައި 50 ކޮޓަރީގެ ކަސާ މިއާ ގެސްޓްހައުސް، އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެހަވީރު މަތިވެރިއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން އެދުނު ކަމެއްގެ ގޮތުގައި ކައުންސިލުން ރައީސަށް ހުށަހެޅުއްވީ ކަސާ މިއާ ގެސްޓްހައުސް ރައްޔިތުންނަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ އަށް އަހަރު އެ ބިމުން ރަށަށް އެއްވެސް ފައިދާއެއް ނުވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ކައުންސިލުން ހުށަހެޅި ކަމަށެވެ. އަދި އެ ބިން ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެގޮތުން މަތިވެރީގެ ރައްޔިތުން ރައީސް އަރިހު ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަކީ ޖާބިރަށް ދޫކުރި ބިމުގައި ހިންގި ކަސާ މިއާ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލައާއި، ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކާ އޮތުމުން، ރައްޔިތުންނާއި ކައުންސިލުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ހަމަނުޖެހުންތަކެއް ވެސް ހިންގާފައިވާ ކަމެވެ.
”ލޯކަލް ޓޫރިޒަމްގެ ވަރަށް ބޮޑެތި ފައިދާތަކެއް އޭގެ ކުރިން މި ރަށަށް ވަމުން ދިޔަ. މިހާރު އެކަން ހުއްޓިފައި އެ އޮތީ. ވަރަށް ނާޖާއިޒް ގޮތެއްގައޭ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އެ ބިން ދީފައި އޮތީ. އަޅުގަނޑު މިހާރު އެޓާނީ ޖެނެރަލްގައި ދަންނަވައިފިން އެ މައްސަލަ ބަލައި ދިނުމަށް. ގާނޫނީ އިމުގެ ތެރެއިން އޭގެން ނިކުމެވޭނެ ގޮތެއް ގާނޫނީ ހަމަތަކުގެ މަތިން ބަލައި ދިނުމަށް. މަތިވެރީގެ ރައްޔިތުންނަށް މިދޭ ޔަގީން ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން އެ އެއްބަސްވުން އުވާލާނެކަން“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެފަދައިން ކަންތައް ކުރެއްވުމުން ރަނގަޅު ބަޔަކާ އެ ތަން ހަވާލުކޮށް ރަށަށް ފައިދާވާނެ ގޮތަށް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.



