އަންނަ އަހަރުގެ ތެރޭގައި އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އއ. ތޮއްޑޫއަށް އިއްޔެ ވަޑައިގެން، ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި، އެހެންކަމުން އެ ރަށުގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.
”ޑޮލަރުގެ ވިޔަފާރި ތޮއްޑޫގައި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރު އިތުރުކުރެވޭނެ ގޮތެއް ހަދައިދިނުން. އިރާދަކުރެއްވިއްޔާ ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށް ދޭނަން،“ ރައީސް ވިދާޅުވި އެވެ.
މާލެ ފިޔަވައި އަތޮޅުތެރޭގައި ބެހެއްޓި ފުރަތަމަ ޑޮލަރު އޭޓީއެމް ވަނީ މިދިޔަ ޖޫން މަހު ކ. މާފުށީގައި ބަހައްޓައި ހިދުމަތް ފަށާފައެވެ. މިއީ ރައީސް މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް ބީއެމްއެލްއިން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.




