ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތަޢައްޞަބުތަކުން އެއްކިބާވެވަޑައިގެން ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށްވެސް ފަހުމުވެވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަރި އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤާނޫނު އަސާސީގެ މަޤްޞަދަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަޙައްދު އިޢުލާންކޮށް ކަނޑައެޅުމާއި، ރައްޔިތުންގެ ބާރު ކަނޑައެޅުމާއި، ރައްޔިތުންގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ދައުލަތުގެ ޤާނޫނީ ވެރިކަން ހިންގުމުގެ ނިޒާމާއި ތަރުތީބާއި އިންތިޒާމުތައް ކަނޑައެޅުންކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލުގެނެސްފައިވަނީ، ރައްޔިތުންގެ ދިފާޢުގައި ކަމަށެވެ. މީގެއިތުރުން ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުތަކުގެ މަޤްޞަދު، ރައްޔިތުންނާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އެންމެ އަކަ އިންޗިއަކަށްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުގެ އިތުރުން، 143،332 ރައްޔިތުންގެ ރުހުމާވެސް އެކުގައިކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުޠުތަކަށް ގެނައި ބަދަލުންވެސް ހިމާޔަތްކޮށްދެނީ ރައްޔިތުންގެ ޙައްޤުތައް. މެންބަރުން އިންތިޚާބުގައި ވާދަކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލުކުރާ މީހެއްގެ ގޮތުގައި. އެހެންކަމުން، އިންތިޚާބުވާ މެންބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު އެވެވެނީ އަހުދެއް. އެ ޢަހުދުގައި މެންބަރު އެއްބަސްވަނީ ޤާނޫނު އަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށްކަމަށާއި، ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުގެ ސަބަބުން މެންބަރުން ވީ އަޙުދު ހިމާޔަތްކުރެވިގެންދާނެކަމަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަންޖެހޭ ޙާލަތްތަކަށް ރިޢާޔަތްކުރައްވަމުން، ފެންނަ ނުފެންނަ ވޯޓާމެދު ގޮތް ނިންމުމަށް، މަދު މީސްކޮޅެއްގެ މުށުތެރޭގައި އޮތް ބާރު، ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙާއެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަށް ގެނައި ބަދަލަކީވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެވެސް ތަރައްޤީގެ ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިޞްލާޙެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނީ 20 ނޮވެންބަރު 2024 ގައެވެ.




