މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އައު ސީއީއޯއެއް ހަމަޖައްސައިފިއެވެ. އެގޮތުން ސަރުކާރުގެ މަސްކުންފުނި މިފްކޯގެ އައު ސީއީއޯއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޔޫކްރެއިނަށް އުފަން ޑރ. ވިޓާލީ ލުބިމޯވް އެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި ޑރ. ވިޓާލީ ރަސްމީ މަސައްކަތާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޑރ. ވިޓާލީ ވަނީ މީގެކުރިން ކްރައިސިސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އެ ދާއިރާގައި އޭނާއަށް 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަމަށް އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވެއެވެ.
މީގެއިތުރުން ޑރ. ވިޓާލީ ވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ. އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް އޭނާގެ ޕްރޮފައިލްގައި ބުނެ އެވެ.
މިފްކޯގެ ކުރީގެ އެމްޑީ އަދި ސީއީއޯ ވަނީ މީގެ ހަތް މަސް ކުރިން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފައެވެ. އޭގެފަހުން މިއަދާ ޖެހެންދެން އެ މަގާމު އޮތީ ހުސްކޮށެވެ.




