ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓެއް އޮންނަ ކޮންމެ މަސްދޯންޏަކަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެތެރެއިން ކ. ގާފަރަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވީ މަސްވެރިންނަށް އަވަހަށް ފައިސާ ނުލިބޭ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށްޓަކައި ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން އިއްޔެ ވާނީ އެއްބަސްވުމެއް ހަދާފައި ކަމަށެވެ.
”އެއީ ފިނޭންސް މިނިސްޓްރީއާއި، މިފްކޯ އާއި، ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު އެގްރިމެންޓެއްގައި އިއްޔެ ވާނީ ސޮއިކޮށް އިންތިޒާމުތަކެއް ހަމަޖެހިފަ. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސްދޯންޏަކަށް އެ ދޯންޏަކުން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރެވޭނެ ގޮތް ވަނީ ހަމަޖެހިފަ“ ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މާދަމާއިން ފެށިގެން މަސްވެރިންނަށް ރައީސް މުޢިއްޒުވީ ވައުދުފުޅު ފުއްދިގެންދާނެ ކަމަށާއި ބީއެމްއެލްގެ އެކައުންޓެއް އޮންނަ މަސްދޯންޏަކުން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި އެ ދޯނީގެ އެކައުންޓަކަށް ފައިސާ ޖަމާވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެމްއައިބީ އެކައުންޓު ހުރި ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.




