މަސްވެރިންނަށް ވީ ވައުދުފުޅު ފުއްދިއްޖެ ކަމަށާއި މަސްވެރިންނަށް ކުރިއަށް އޮތްތަނުގައި ފައިސާ ނުދެވި އެއްވެސް ބެކްލޮގެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އއ. އަތޮޅަށާއި ކ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދެވި ހުރި 38 މިލިއަން މިއަދު އޮޑިވެރިންނަށް ޖަމާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެއީ ބީއެމްއެލްގައި އެކައުންޓު ހުރި 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި އެމްްއައިބީގައި އެކައުންޓު ހުރި 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ. އެހެންކަމުން 38 މިލިއަން ރުފިޔާ އެއީ މިހާތަނަށް މިދިޔަ ދެ ހަފްތާ ތެރޭގައި ދޭން ހުރި ފައިސާ. އެހެންވީމަ ބެކްލޮގް ނިމުނީ. އިރާދަކުރެއްވިއްޔާ ދެނެއް ބެކްލޮގެއް ނާންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިފްކޯ ހިންގުމާ މިސަރުކާރުން ހަވާލުވީއިރު އެ ކުންފުނި އޮތީ ކުރީ ސަރުކާރުގެ ސަބަބުން ވަރަށް ބޮޑު ދަރަންޏެއްގައިކަން ”ސައުވީސް“ އަށް ވަނީ އެނގިފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން އެޗްޑީއެފްސީން ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ނަމުގައި 570 މިލިއަން ރުފިޔާގެ ލޯނެއް ބޮޑު އިންޓަރެސްޓް ރޭޓުގައި ނަގާފައެވެ. އެ ލޯނުގެ ސަބަބުން ކޮންމެ ފަހަރަކު އިންޓަރެސްޓްގެ ގޮތުގައި 41 މިލިއަން ރުފިޔާ މިފްކޯއިން ދައްކަންޖެހެއެވެ. މިފްކޯގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެކުންފުންޏަށް ކުރިއެރުމުގެ އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ މިމައްސަލައެވެ. ކުރީ ސަރުކާރުން ނަގާފައިވާ މިބޮޑު ލޯނުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެލެއްވިއިރު އެ ކުންފުނީގެ ބޮޑު ބެކްލޮގެއް އޮތެވެ. ނަމަވެސް މިފަދަ ދަތިހާލަތާއެކު ވެސް އެކުންފުނިން ބަލަނީ ވީއެންމެ އަވަހަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ދެއްކުމަށްކަން އެކުންފުނިން ބުނެފައިވެއެވެ.



