ރައީސް މުޢިއްޒު އެގެންދަވަނީ އެމަނިކުފާނުގެ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ކ. އަތޮޅު ގާފަރަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފަށާނެކަން އިޢުލާންކުރައްވާފައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއް ފުއްދެވުމަށް ފެއްޓެވި ކަމެކެވެ.
މިކަމާ ގުޅިގެން ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
އެގޮތުން، ރައީސް މުޢިއްޒު އެގެންދަވަނީ އެމަނިކުފާނުގެ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭގޮތަށް ރައީސް ހަމަޖެއްސެވިކަމީ މަސްވެރިންގެ ކަންކަމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފަށާނެކަން އިއުލާން ކުރައްވާ ރައީސް މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 38 މިލިއަން ރުފިޔާ މިހާރު ދައްކާ ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގައި އެކައުންޓު ގެންގުޅޭ 196 މަސްވެރިއަކާއި އެމްއައިބީގައި އެކައުންޓު އޮޕަރޭޓްކުރާ 20 މަސްވެރިންނަށް ދޫކުރި ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްވެރިއަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އިރު އެމްއައިބީގައި އެކައުންޓު ހުރި މަސްވެރިންނަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


