ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، މާލޭގައި ވިޔަފާރިކޮށް، އާންމު ތަންތަނުގައި ނިދައި އުޅުނު ބިދޭސީ އަންހެނަކު އިއްޔެ އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އަންހެން މީހާއަކީ ޗައިނާގެ 33 އަހަރުގެ ރައްޔިތެއް ކަމަށްވާ ކުއިޕިން ފެންގު އެވެ. އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ، ވިޔަފާރިކޮށް، އެކި ތަންތަނުގައި ނިދާފައި އޮންނަކަމުގެ ޝަކުވާތަކާ ގުޅިގެންނެވެ.
މީގެއިތުރުން، މި އަންހެން މީހާއަށް ވާހަކައެއް ނުދެއްކޭ ކަމަށާއި، މީހުން ދައްކާ ވާހަކަ އަޑެއްވެސް ނީވޭ ކަމަށް އިމިގްެރޭޝަނުން ބުނެފައިވެއެވެ. އަދި މިދިޔަ ހަފުތާ ބަންދުގައި އޭނާ މާލޭގެ ބައެއް ކެފޭ އަދި ރެސްޓޯރަންޓުތަކަށް ވަދެ، ތަޅުދަނޑި ފަތިތަކެއް ވިއްކަން އުޅުނު ކަމަށް ވެސް މަޢުލޫމާތު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ވިސާއާ ޚިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާނަމަ ރިޕޯޓުކުރުމަށް ވެސް އާންމުންނަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ބިދޭސީން ވިސާއާ އެއްގޮތަށް އުޅޭތޯ ބެލުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި، މިހާތަނަށް ވިސާ ނެތި އުޅެމުން ދިޔަ މީހުންނާއެކު 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.



