އިދިކޮޅު އެމްޑީޕީން މާދަމާ ބާއްވާ ބޮޑު ޖަލްސާއަށް އަތޮޅު ތެރޭގެ އެއްވެސް ރަށަކުން އެއްވެސް ބަޔަކު މާލެ ނައުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ގޮވާލައްވައިފިއެވެ.
މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު ފަރާތްތަކުން 10 ވަނަ ދުވަހު މާލޭގައި ބާއްވާ އެއްވުމަށް އަތޮޅު ތެރޭގެ އެއްވެސް ރަށަކުން އެއްވެސް ބަޔަކު މާލެ ނައުމަށް ވަނީ އެދިލައްވާފައެވެ.
”އިދިކޮޅު ފަރާތްތަކުން 10ވަނަ ދުވަހު ބާއްވާ އެއްވުމަށް އަތޮޅު ތެރޭގެ އެއްވެސް ރަށަކުން އެއްވެސް ބަޔަކު މާލެ ނައުމަށް އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން!“ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މިފަދައިން ގޮވާލެއްވި ސަބަބު ބަޔާންކުރައްވަމުން މެންބަރު އައްބާސް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ޤައުމު އޮތީ ބަނގުރޫޓުވާ ހާލަތުގައި ކަމަށެވެ.
އެހެންނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް މިވީ އެންމެ އަހަރު ދުވަސްކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ، ރައްޔިތުން އެދޭ ތަރައްޤީ ގެނައުމަށް މި ސަރުކާރުން ބޭނުންވާ ގޮތަށް 2025 ގެ ބަޖެޓް ފާސްކުރެވުނު ވަގުތާ ދިމާކޮށް، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުރަސް އެޅިގެންދާ ގޮތަށް ޤައުމު ހަލަބޮލިކޮށް ހަދަން އަތޮޅުތަކުން ރައްޔިތުން މާލެ އަންނަންޖެހޭ ވަގުތު އަދި އައިސް ޖެހުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
މެންބަރު އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ”ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުންގެ“ ނަމުގައި މާދަމާ އިދިކޮޅު އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި، އެ ޖަލްސާގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ދަޢުވަތު ދީފައިވަނިކޮށެވެ.



