ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ހުރާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އެރަށް ވަޑައިގަތުމުން އެރަށު ކައުންސިލާއި، އިދާރާތަކުގެ ބައެއް މުވައްޒަފުންނާއި އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މިދަތުރުފުޅަކީ އއ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކުގެ ހާލަތު ދެނެގަތުމަށް އެމަނިކުފާނު އިއްޔެ ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅެކެވެ.
އެގޮތުން އިއްޔެ އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ އއ. ތޮއްޑޫ އަށެވެ. އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ އެ އަތޮޅު ރަސްދޫ އަށެވެ. ރަސްދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި، އަތޮޅުކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ. އަދި ރަސްދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ މުހިންމު ވާހަކަފުޅުތަކެއް ދެއްކެވިއެވެ.
އެއަށްފަހު އިއްޔެ ހަވީރު ވަޑައިގެންނެވީ އއ. މަތިވެރިއަށެވެ. މަތިވެރީގެ ވެސް ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށްފަހު އެރަށު ރައްޔިތުންނާ ރޭގައި ބައްދަލު ކުރެއްވިއެވެ. އަދި މިއަދު ހެނދުނު ގާފަރަށް ވަޑައިގަތުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ މަތިވެރީގެ ސްކޫލަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
ގާފަރަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށްފަހު އެރަށު ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށްފަހު، ހުރާއަށް ވަޑައިގަތުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ ގާފަރުގެ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތު ހުރި ގޮތް ވެސް ބައްލަވާލައްވާފައެވެ.




