ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް އަލްއުސްތާޛާ މަރިޔަމް އިންޝާ ފައިސަލު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރުމަށް އިންޝާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނިމިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި އޭނާ އެމަގާމަށް އައްޔަނު ކުރަން ފާސްވީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓާއެކުގައެވެ.
އިންޝާއަކީ ޤާނޫނީ ދާއިރާއިން ޑިގްރީ ޙާސިލްކުރައްވާފައިވާ ކަނބަލެކެވެ. ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައިވެސް މަސައްކަތްކުރެއްވުމަށްފަހު އެކޮމިޝަން އުވާލުމުން، 2015 ވަނަ އަހަރު އުފެއްދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އިންޝާ ވަނީ އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށްވެސް އޭނާ ހުންނެވީ އެމަޤާމުގައެވެ. މިހާރު އިންޝާ ދަނީ މާސްޓަރސް ޑިގްރީ ޙާސިލްކުރައްވަމުންނެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވަނީ އެކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ ކޮމިޝަންގެ ރައީސް ޤާސިމް ޢަބްދުލްކަރީމާއި ނައިބު ރައީސާ އާޝިޔަތު ޝިއުނާއާއި މެންބަރު އާމިނަތު ޝާދިޔާއާއި ޝުއައިބު އަބްދުއްރަޙްމާނެވެ.


