ހުރާގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަށް ކަމަށާއި އޭގެ އިތުރަށް ދެން އިސްކަންދެއްވާނެ ކަމަކީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އަދި ހަމަ ތަޢުލީމީ ދާއިރާއެކޭ އެއްވަރަށް ޞިއްޙީ ދާއިރާއަށްވެސް އިސްކަންދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، ސްކޭން ކުރުމާއި އިތުރު ވަޞީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާއި ގުޅިވަޑައިގެން، ރަށުގައި އޭ.ޓީ.އެމް. މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމާއި ހިސާބަށް ގެންދަވާފައިވާކަމަށާއި ހަމަ އެގޮތަށް އެހެން ކަންކަންވެސް ގެންދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
”ޖުމްލަ ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް އިސްކަންދީގެން. އެގޮތުން މިއަންނަ 2025 އަދި 2026 ވަނަ އަހަރަކީ އެގޮތަށް ކަންކަން ތަރުތީބު ކޮށްގެން ކުރިއަށް ގެންދާނެ ދެ އަހަރު“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫޢުތައް ޖެހިގެން އަންނަ 2026 ވަނަ އަހަރު ފެށޭނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މި ދެ އަހަރު ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިހުރި ވަޢުދުތައް، ޢަމަލީގޮތުން ފުދިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



