އެސްޓީއޯއިން އަންނަ އަހަރުގެ ރޯދަމަހަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިގޮތުން އެސްޓިއޯއިން ވަނީ ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލިގެން ނުދާނެހެން އަގުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށާފައެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ތަކެތީގެ އަގު ހިފެހެއްޓުމަށާއި، މެދުނުކެނޑި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެފައިވެއެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިކަންކަން އިންތިޒާމުކުރެވިގެންދާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހަށް އެސްޓހަށް އެސްޓީއޯއިން ތައްޔާރުވާއިރު ކާޑުގެ ބާވަތްތަކުގެ އިތުރުން، ފިޔާ، ބިސް، އަލުވި ފަދަ ތަކެތީގެ އަގު އުފުލިގެން ނުދާނެހެން ހިފެހެއްޓުމަށް މަސައްކަތްކުރެއެވެ. އަދި ބާޒާރުގައި އަގު އުފުލޭ އެހެން ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ވިއްކުމުގެ މަސައްކަތްވެސް ކުރެއެވެ.
ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ހެޔޮކުރައްވާނެ ކަމަށް ރައީސް ވަނީ ކުރިން އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ރޯދަމަހު ސަރުކާރުން ވަނީ ކޮންމެ ގޭބީސީއަކަށް ހިލޭ ކާޑު ބަހާފައެވެ. ނަމަވެސް އަންނަ އަހަރުގެ ރޯދަމަހަށް ކާޑުގެ ބަދަލުގައި މަސްދަޅު ކޭހެއް ކޮންމެ ގޭބީސީއަކަށް ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.



