މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކަކަށް ކުރިމަތިލުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ފުރުސަތުތަކަކީ ވޯލްޑް ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕް ފުރުސަތުތަކެކެވެ.
ފިޝަރީސް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުސަތުތައް ދެނީ ވޯލްޑް ބޭންކްގެ ”ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ ޕްރޮޖެކްޓްގެ ދަށުންނެވެ.
މި ސްކޮލާޝިޕްތަކުގެ ދަށުން ފުރުސަތު ދެނީ ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ބެޗްލާސް ޑިގްރީ ދެ ކޯހަކަށާއި އެކުއަކަލްޗާ ދާއިރާއިން އެއް ކޯހަކަށެވެ. މި ކޯސްތައް ފުރިހަމަކުރަން ޖެހޭނީ އޭޝިއާގެ ގައުމެއްގައެވެ.
ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި، ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ފައުންޑޭޝަން ނުވަތަ ސެޓްފިކެޓް ލެވެލްގެ ޔުނިވާސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވުން ވެސް ޝަރުތުކޮށްފައިވެއެވެ.
މި ސްކޮލާޝިޕްގެ ދަށުން ކޯސް ފީ، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސް އަދި ސްޓައިޕަންޑް ހިމެނޭ ޚަރަދުތައް ކަވަރުކޮށްދޭނެއެވެ. ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސާވިސްގެ ގަވާއިދުގައި ވާގޮތަށް، ފިޝަރީސް މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
މި ފުރުސަތުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ 12:00ގެ ކުރިން ފިޝަރީސް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަންބަރަށް ގުޅުމަށް މިނިސްޓްރީން އަންގާފައިވެއެވެ.




