ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުންނަ ޑޭޓާ ލިބިގަތުމާއި އެކްސެސްވުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މި ބިލަށް ވޯޓަށް އެހުމުން 58 މެންބަރުން ވަނީ ފާސްކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި އިސްލާހަކީ ސައިބަރ ކްރައިމްތައް ހުއްޓުވުމަށް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހެކެވެ. މި އިސްލާހުގެ ދަށުން، ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުރާ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށަކާ ގުޅިގެން ބޭރު ގައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ރާއްޖޭގެ އިދާރާތަކަށް މަސައްކަތް ކުރެވިދާނެއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭން ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ޑޭޓާއަށް އެކްސެސްވެވޭނީ ދެ ހާލަތެއްގައެވެ. އެއީ އަމިއްލަ ފަރުދުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމާއި، ރާއްޖޭގައި އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް މެދުވެރިވުމެވެ.
މީގެ އިތުރުން، ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގުތަކާއި ޝަރީއަތްތަކަށް އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ ފަރާތެއް، ފުލުހުންގެ ޚިދުމަތުގައި ގާއިމް ކުރަން ވެސް މި އިސްލާހުގައި ވަނީ ލާޒިމްކޮށްފައެވެ.




