ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީއިން ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ މެންބަރަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ކުރީގެ ރައީސް އަމީން ދީދީއަށް ހެދި ގޮތް ހަދާލާނެ ކަމަށް ދޭހަވާ ގޮތަށް ދެއްކި ވާހަކަތައް ދިފާއުކޮށްފައެވެ.
މިކަން ދިފާއުކޮށް ފައްޔާޒު ބުނީ ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ ހަމަ މުޙައްމަދު އަމީންއަށް ހެދި ގޮތް ކަމަށެވެ. އަދި ކުޅުދުއްފުށީ ޕޯޑިއަމްގައި އެޕާޓީގެ އެކްޓިވިސްޓު އެހެން ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން ކަމަށް ފައްޔާޒު ބުނެފައިވެއެވެ.
މިއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ފަރަހަނާޒް އިތުރަށް ވިދާޅުވީ ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯ ސުވާލު ކުރައްވާ ފަރަހަނާޒް ވިދާޅުވީ އެހެންކަމަށްވާ ނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން ކަމަށެވެ.
ރައީސް މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް ގެނައީ އޯގަސްޓް 30، 1953 ގައި އެ މަނިކުފާނު ސްރީ ލަންކާއިން ރާއްޖެ އެނބުރި ވަޑައިގަތުމާ އެކު އޭރު ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާ އެކު ރައްޔިތުން ނުކުމެ ވަރަށް އަނިޔާވެރިކޮށެވެ. އަދި މިފަދައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއިމެދު ކަންތައް ކުރުމަށް އެމްޑީޕީގެ އެކްޓިވިސްޓަކު ގޮވާލާފައިވާ އިރު، މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



