އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގެ އަތުން އެ ޕާޓީގެ ގެ މައިކު އަތުލަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ފައްޔާޒް މިރޭ ރައީސް ޑރ. މުއިއްޒުއަށް ނިސްބަތް ކޮށް ދެއްކި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ.
މިރޭ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ ރައްޔިތުންނަށް ދެރަ ދީނީމާ، ހަދަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިހެން ކަމަށެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީ އިން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރަކު، މުހައްމަދު އަމީން އަށް ހެދިހެން ރައީސް ޑރ. މުއިއްޒު އަށް ހަދަން ޖެހިދާނެ ކަމަށް ބުނެފައިވަނިކޮށެވެ.
އެ ވާހަކަތަކަށް ނިސްބަތް ކޮށް ފައްޔާޒު ވިދާޅުވީ ކުޅުދުއްފުށީ ޖަލްސާގައި ވާހަކަ ދެއްކި މީހާ އެހެން އެބުނީ ނަސޭހަތެއްގެ ގޮތުން ކަމަށާއި، ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދެރަ ދިނީމާ ހަދަން ޖެހޭނީ ހަމަ މުހައްމަދު އަމީން އަށް ހެދިހެން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ގެ މިވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު އިމްރާން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން މަޖިލީހަށް ރައްޔިތުން ހޮވީ ވަރަށް އިތުބާރު ކޮށްފައި ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމަށް ބަސް ބުނަން ރައްޔިތުން ފުރުސަތު ދިނީމައި އެމްޑީޕީގެ ވެރިން މި ހަލާކު ކޮށްލަނީ އިދިކޮޅުގެ އަސްލު އަޑު ކަމަށެވެ.
“ ތިމާއަކީ ވަރަށް ކެރޭ ލީޑަރެއްކަން ދައްކަން މި ނޫން ކަންކަން ކުރެވޭނެ. އެމްޑީޕީ އިން މިފަދަ މީހުންގެ އަތުން އެ ޕާޓީގެ މައިކު އަތުލަން ޖެހޭ “ ފައްޔާޒު ގެ ވާހަކަތަކައް ރައްދު ދެއްވަމުން އިމްރާން ވިދާޅުވިއެވެ.
މުހައްމަދު އަމީންއަށް ހަވަރަށް ދިން ފަދައިން ރައީސް ޑރ. މުއިއްޒުގެ ހަވަރަށް ދޭން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ ޖަލްސާއެއްގައި އިންޒާރު ދިން މައްސަލަ ފުލުހުންވެސް އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.



