ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގައި މާލެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ޙާލަތު ވެސް ބައްލަވައިލައްވާފައެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް އެމަނިކުފާނު ވަނީ ޖުމްލަ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.



