ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހައްދަވަން ޖެހޭނީ ކުރީގެ ރައީސް މުޙައްމަދު އަމީންއަށް ހެދިހެން ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ދެއްކެވީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދޭ ވަހަކަތަކެއް ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މުއައްސަސާތަކުން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕޫގެ ފަރާތުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ”އަނިޔާވެރިވެއްޖެ ނަމަ އަނިޔާވެރިވާނެ“ ކަމަށާއި އަނިޔާވެރިވާނަމަ، ތާރީޚުގެ ފޮތްތަކުން ރާއްޖޭގެ ރައްޔިތުން ”ކުޅޭނެ“ ކަމަށް ވެސް ވިދާޅުވެފައެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން މިހެން ވިދާޅުވެފައިވަނީ ދާދިފަހުން ކުޅުދުއްފުށި ސިޓީގައި އެޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ މެންބަރަކު ރައީސް މުޢިއްޒުއާ ގުޅުވާފައި ދެއްކި ވާހަކަތަކެއް ދިފާއުކުރައްވަމުންނެވެ.
”އެހެންވީމަ މުހައްމަދު އަމީނެއް ކަމެއް، އަނދިރި އަނދިރިން ކަމެއް ނޭނގެ. ރައްޔިތުންނަށް އަނިޔާވެރިނުވާށޭ، އަނިޔާވެރިވާނަމަ ތާރީޚުގެ ފޮތްތަކުން ރާއްޖޭގެ ރައްޔިތުން ކުޅޭނޭ،“ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ އެވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އޭނާއަށާއި އެމްޑީޕީއަށް އަމާޒުވިއެވެ.
އެވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ރޭގައި ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައްޔާޒުގެ އެވާހަކަތަކަކީ ކަނޑައެޅިގެން ޓެރަރިޒަމްއަށް ހިތްވަރުދިނުން ކަމަށެވެ.
“ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއް. ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ“ ރައްޔިތުންގެ މަޖިލިހުގެ ރައީސް ވިދާޅުވެފައިވެއެވެ.
ފައްޔާޒުގެ އެވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް އަމީންގެ ކާފަ ދަރިކަލުން ފަރަހަނާޒް ފައިސަލު ވެސް ވަނީ ނުރުހުން ފާޅުކޮށް، ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ.



