އިދިކޮޅު މައި ޕާޓީ ކަމުގައިވާ އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ޤާނޫނު އަސާސީގެ ދިފާއުގައި“ ޖަލްސާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބައިވެރިއެއް ނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މިރޭ އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެޕާޓީގެ ބޮޑު ޖަލްސާގައި ޕީއެންއެފްއިން ވެސް ބައިވެރިވާނެ ކަމަށް ބުނެ ބައެއް އަޑުތައް ދަނީ ފެތުރެމުންނެވެ.
މިކަމާ ގުޅޭގޮތުން އެ ޕާޓީއާ ”ސައުވީސް“ އިން ސުވާލު ކުރުމުން ނަން ހާމަނުކުރުމަށް އެދި އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޕީއެންއެފް އިން މިރޭ އެމްޑީޕީގެ އެ ޖަލްސާގައި ރަސްމީކޮށް ބައިވެރި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން ބާއްވާ ޖަލްސާގައި ބައިވެރި ނުވާނެކަން ޕީއެންއެފް އިން ރޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވެސް ވިދާޅުވެފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް (އެސްޖީ) މަލީހު ޖަމާލުއާ ”ސައުވީސް“ އިން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޖަލްސާގައި ޕީއެންއެފް އިން ބައިވެރިވާން ވެސް ނުވާން ވެސް ނިންމާފައި ނުވާނެ ކަމަށެވެ.
އެމްޑީޕީް ”ޤާނޫނު އަސާސީގެ ދިފާޢުގައި“ ގެ ނަމުގައި ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.



