ބަންކަރިން ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ”ރައްޔިތުންގެ ދިފާޢުގައި“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށެވެ.
”މިހާރު ހުޅުވިފައި އޮތީ ހަމައެކަނި އުތުރަށް. މިހާރު މި އުޅެނީ މާލެ ސަރަހައްދާއި ލ. ސަރަހައްދާއި އައްޑޫއަށް ވެސް އެކަން ފަށަން ވެގެން. ފެށުނީމަ ވަރަށް ބޮޑު މާކެޓެއް، އިޤްތިޞާދަށް ވަރަށް ބޮޑު މަންފާ ކުރާނެ ކަމެއް،“ އޭނާ ވިދާޅުވިއެވެ.
ވަޖީހު ފާހަގަކުރެއްވި ގޮތުގައި އާގު ބޯޓުފަހަރަށް ތެލާއި ފެނާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޝިޕިންގ އިންޑަސްޓްރީގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ނުހަނު ފައިދާކުރާނެ ކަމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ސީ-ޓު-އެއަރ ކާގޯ އާއި ބަންކަރިން ޚިދުމަތަކީ ދުވަހެއް ދުވަހަކަށް ފުޅާކުރެވި، އެކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.
”ރައީސްގެ ވެރިކަމުގެ ކުރީކޮޅުގައި އެކަން މިދިޔަ މޭ މަހުގައި އެ މަސައްކަތް ފެށުނީ. ފަށައިގެން މިއަދު އެއޮތީ ފުލްކޮށް އެ މަސައްކަތް ކުރެވޭ ގޮތަށް. މިއީ އިޤްތިޞާދަށް ވަރަށް މަންފާ ކުރާނެ މަސައްކަތެއް. ކުރިއަށް އޮތްތަނުގައި ފުޅާވަމުންދާނީ،“ ވަޖީހު ވިދާޅުވިއެވެ.
މިހާރު މާލޭގައި އޮތް ފަސް ހެކްޓަރުގެ ކުޑަ ބަނދަރާއި ހުޅުމާލޭ ވިޔަފާރި ބަނދަރު ފުރުމުގެ ސަބަބުން މުދާ ބޭލުމަށް ބޯޓުފަހަރު ގިނަ ދުވަހު މަޑުކުރަން ޖެހޭ ކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވުމުން ބާޒާރުގައި މުދަލުގެ އަގު ހެޔޮވާނެ ކަމަށެވެ.
ހަމައެއާއިއެކު، 2027 ގައި ތިލަފުށީ ބަނދަރު ނިމުމުން، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ބޯޓު ހުސްކުރެވި، ބާޒާރުގައި މުދަލުގެ އަގު ހެޔޮވުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
”ފަސް ދުވަސް ހަ ދުވަސް ހަތް ދުވަސް ވީމަ އެއީ ވަރަށް ބޮޑު އަދަދެއް. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެހާ ގިނަ ދުވަހެއް ނުވާނެ ބޯޓުފަހަރު ހުސްކުރާކަށް. ތިލަފުއްޓަށް ބަދަލުކުރެވުނީމަ 18 ގަޑިން 12 ގަޑިން ގިނަވެގެން 25 ގަޑިއިރު ތެރޭގައި ބޯޓުފަހަރު ހުސްކޮށްލާފައި ދޫކޮށްލެވޭނެ،“ އޭނާ ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވި ގޮތުގައި، ތިލަފުށީގައި ބަނދަރު ހެދުމަށް އެމްޕީއެލްއަށް ދޫކޮށްފައިވާ 60 ހެކްޓަރުގެ ބޭނުން ހިފަން ފަށައި، އެތަނުގައި ހުސް ކޮންޓެއިނަރު ބެހެއްޓުމާއި، އަދި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ވަރަށް އަވަހަށް ދޭން ފަށާނެއެވެ.



