އިންސާނީ ޙައްޤުތަކުގެ ދާއިރާއިން މިއަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޤައިދީންގެ ބޭސްފަރުވާއާ ގުޅުންހުރި މައްސަލަތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމްގެ ސީނިއަރ އެޑްވޮކަސީ އޮފިސަރ މ އޮފިސަރ މުޙައްމަދު ޝަނޫން ޕީއެސްއެމްގެ ”ހެނދުނު ހެނދުނާ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އިންސާނީ ޙައްޤުތަކާ ގުޅޭ 637 މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނައީ ޤައިދީންގެ ބޭސްފަރުވާއާ ގުޅުންހުރި މައްސަލަތައް ކަމަށާއި، އެފަދަ 131 މައްސަލަ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ލާއިންސާނީ އަނިޔާގެ 99 މައްސަލައާއި، ބޭސްފަރުވާގެ މައްސަލަތައް ނޫން އެހެނިހެން ކަންކަމުގައި ޤައިދީންނާ ގުޅުންހުރި 52 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކާ ގުޅުންހުރި 22 މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށް ޝަނޫން ފާހަގަކުރެއްވިއެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 249 މައްސަލައަކީ ތަޙުޤީޤުކުރުމުގެ އަސާސްތަކެއް ނެތްކަމަށް ނިންމާފައިވާ މައްސަލަތައް ކަމަށާއި، ތަޙުޤީޤުކުރަން ނިންމާފައިވާ 388 މައްސަލައިގެ ތެރެއިން މިހާތަނަށް 222 މައްސަލައެއްގެ ތަޙުޤީޤު ނިމިފައިވާ ކަމަށްވެސް އެޗްއާރްސީއެމްއިން މަޢުލޫމާތު ދެއްވިއެވެ.
އެޗްއާރްސީއެމްގެ ސީނިއަރ އެޑްވޮކަސީ އޮފިސަރ ފާޠިމަތު އަޙްމަދު ވިދާޅުވީ، އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓުގެ ދަތިކަމެވެ.
ވަށައިގެންވާ މާޙައުލުގައި އިންސާނީ ޙައްޤުތަކާ ގުޅުންހުރި އެތައް ކަމެއް ހުރިއިރު، އެކަންކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ފާޠިމަތު އަޙްމަދު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެފަދަ ހުރިހާ ކަމެއްގައި ހުރިހާ ދިވެހީންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުމަށް އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރާނެ ބަޖެޓެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.



