ރާއްޖޭގެ ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު، އާސަންދައިގެ ޚިދުމަތް ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ދެ ހޮސްޕިޓަލަކާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގެ އެއް ހޮސްޕިޓަލަކުން ލިބޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޔޫއޭއީގެ ބުރްޖީލް މެޑިކަލް ސިޓީ އަދި ތައިލެންޑުގެ ދަ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އާއި ބެންކޮކް ހޮސްޕިޓަލް ހިމެނޭހެން ތިން ހޮސްޕިޓަލަކުން އާސަންދަ ލިބޭ ގޮތަށް އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ 16 އިން ފެށިގެން މިހޮސްޕިޓަލުތަކުން އާސަންދައިގެ ހިދުމަތް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދުމަށް ބަލިމީހުން މި ހޮސްޕިޓަލުތަކަށް ފޮނުވުމުގެ މަގު ފަހިވެގެންދާނެއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ޖެނުއަރީ މަހު އިޢުލާނުކުރި ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އޭރު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އާސަންދައަކީ ”ހަމައެކަނި ވަކި ދިމާއެއްގައި“ އޮންނަ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ޚިދުމަތަކަށް ވާން އެމަނިކުފާނު ބޭނުންފުޅެއް ނުވާ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ޤައުމުތަކަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ޚިޔާރުތަކެއް ލިބި، ފެންވަރު ރަނގަޅު ބޭސްފަރުވާ ހޯދުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޤައުމުތަކުގެ ހޮސްޕިޓަލުތަކާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.



