އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލައިގައި އޭނާގެ ލެއިން ލީތަލް އިންޖެކްޝަންގެ އަސަރު ފެނިފައިވާ ކަމަށް، މޭރީގެ ލޭގެ ސާމްޕަލް ޓެސްޓު ކުރި އިންޑިއާގެ ޕްރޮފެސަރަކު ބުނެފިއެވެ.
އެގޮތުން ގުޖުރާތުގެ ޔުނިވާސިޓީއެއްގެ އެ ޕްރޮފެސަރު ބުނީ މޭރީގެ ލެއިން ފެނިފައިވަނީ ލީތަލް އިންޖެކްޝަނެއް ކަމަށްވާ ސަކްސިނައިލްކޮލިންގެ އަސަރު ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިސް އެސް.ވައި. ވަރގަސް އަށާއި އައިޖީއެމްއެޗްގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. އެދެމީހުން އެއިރު އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް އަޑުތައްފެތުރިފައިވެއެވެ.
މިމައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އެ ޕްރޮފެސަރު ވަނީ ނިއު ދިއްލީގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް ހެކިބަސް ދީފައެވެ. އެގޮތުން އޭނާ ބުނީ މޭރީގެ ލޭގެ ސާމްޕަލުން އިންސާނެއްގެ ހަށިގަނޑުގައި ސަކްސިނައިލްކޮލިން މާއްދާ ހުންނަ މިންވަރަށް ވުރެ އިތުރަށް ފެނިފައިވާ ކަމަށެވެ. އަދި އެގޮތަށް އެ ނަތީޖާ އަންނާނީ އެ މާއްދާ ނޫނީ ބޭސް މީހަކަށް ދިނުމުން ކަމަށް ޕްރޮފެސަރު ވަނީ ބުނެފައެވެ.
ނަމަވެސް، ލަމްހާގެ ކޮޓަރިން ފެނުނު ސްރިންޖުތަކުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިނުވާ ކަމަށް ވެސް ޕްރޮފެސަރު ބުނެފައިވެއެވެ.
މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ލަމްހާގެ ކޮޓަރި ވެސް ބަލައިފާސް ކުރިއެވެ. އަދި އެކޮޓަރިން ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަންތަކެއް ފެނުން ކަމަށް ތަހުގީގު ޓީމުން އެއިރު ވަނީ ހާމަކޮށްފައެވެ. އެތަކެއްޗަކީ ހޮސްޕިޓަލްތަކުގައި ނޫނީ ގެންގުޅުން މަނާ ބޭސްތަކެކެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އެ ތަކެއްޗަކީ ލަމްހާ ހުއްދަ ނެތި އައިޖީއެމްއެޗްއިން ގެއަށް ގެންދިޔަ ތަކެއްޗެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާއާއި މާވިން ހައްޔަރުކުރީ 19 އޮކްޓޫބަރު 2021 ދުވަހުއެވެ. އެމީހުން ހައްޔަރު ކުރީ ދުރާލައި ރާވައިގެން، މާރވިންގެ އަންހެނުން، (ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ) މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރައިލައިފައިވާ ކަމުގެ ތުހުމަތުގައެވެ.



