ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ދެމިގެންދާނެ މި ދަތުރުފުޅުގައި، މިނިސްޓަރު ޚަލީލް އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި އެސިސްޓަންޓް ޑިރެކްޓާ މުހައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.



