ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އުފެދޭ ކުނި އުފުލުމުގެ މަސައްކަތް އަނެއްކާވެސެއްކާވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކުރަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފައެވެ.
މި މަސައްކަތް ވެމްކޯއާ އަލުން ހަވާލުކޮށްފައިވަނީ ކިލޯއަކަށް 2.66 ރުފިޔާގެ ރޭޓުން ޓަނަކަށް 2،660 ރުފިޔާއަށެވެ.
ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ރައީސް އޮފީހުގެ ދަށުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ވަނީ މާލޭގައި ކުނި މެނޭޖު ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައެވެ. މި އުސޫލާ އެއްގޮތަށް އަދި ފިނޭންސް މިނިސްޓްރީން ކަނޑައެޅި ރޭޓުގައި ވެމްކޯ މެދުވެރިކޮށް އެއަރޕޯޓުގެ ކުނި އުކާލުން ކުރިއަށް ގެންދަން އެ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ވަނީ އަންގާފައެވެ.
ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްއަށް މިކަން އެންގީ، އެ ކުންފުނިން އަމިއްލަ ފަރާތަކާ ކުނި އުކުމުގެ މަސައްކަތް ހަވާލުކުރުމާ ގުޅިގެންނެވެ.
އެމްއޭސީއެލްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ މަހަކު 7.5 މިލިއަން ރުފިޔާއަށް، އެއަރޕޯޓުން ކުނި ނަގައިގެން ތިލަފުއްޓާ ހަމައަށް ފޮނުވުމަށް ދާ ޚަރަދެކެވެ. މީގެ ތެރޭގައި ކުނި އުކާލުމަށް ވެމްކޯއިން ނަގާ ޚަރަދު ވެސް ހިމެނެއެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް އެ ކުންފުނީގެ ކުނި އުކުމުގެ މަސައްކަތް ކުރަމުން ދިޔައީ ވެމްކޯއިންނެވެ. އޭގެ ފަހުން ވެމްކޯއާ ހަވާލު ނުކޮށް، ބިޑަށް ހުޅުވާލީ ކުނި އުކުމުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބުމުންނެވެ.
ސެކިއުރިޓީ ސަބަބުތަކާ ހެދި އެއަރޕޯޓުގެ އެތެރެއަށް ކުނި އުފުލާ ވެމްކޯގެ ޓްރަކްތަކަށް ނުވަދެވޭތީ، އެއަރޕޯޓު އެތެރޭގެ ކުނި ކަލެކްޓުކޮށް ބޭރަށް ނެރެނީ އެމްއޭސީއެލްއިންނެވެ.




