ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް ސްކޭމް ހިންގުމަށް ހީލަތްތެރިން އައު އުކުޅުތަކެއް ބޭނުންކުރަމުންދާތީ، ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ މައްސަލަތަކުން ފާހަގަކުރެވިފައިވާ ގޮތުގައި، މި އައު އުކުޅުގައި ސްކޭމަރުން ޝިކާރައަކަށްވާ ފަރާތްތަކަށް ގުޅައި، އެ ފަރާތް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއްކަމަށް ބުނެ މަކަރު ހަދައެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވަރކުރުމަށް ޝިކާރައަކަށްވާ ފަރާތުގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެއެވެ.
އޯޓީޕީ ކޯޑު ހިއްސާ ނުކުރުމުން، ދެން އެ ފަރާތްތަކުން އެދެނީ ޝިކާރައަކަށްވާ ފަރާތުގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށެވެ.
މި ނަންބަރު ހިއްސާކުރުމުން، ސްކޭމަރުން އެ ނަންބަރު ބޭނުންކޮށްގެން ޝިކާރައަކަށްވާ ފަރާތުގެ ވައިބަރ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގައެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުންގެ މި އިލްތިމާސްއާއެކު، ރައްޔިތުން މިފަދަ ކަންކަމަށް ސަމާލުވެ، އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އިތުރަށް ސަމާލުކަން ދޭނެކަމަށް އުއްމީދުކުރެވެއެވެ.



