ގައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ވެރިރަށް ބެއިޖިން ހިމެނޭ ގޮތަށް އެ ގައުމުގެ ޖުމްލަ ހަތަރު ސިޓީއަކަށް ދަތުރުތައް ފަށާނެ ކަމަށް، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަނުން ރާއްޖެ އާއި ބެއިޖިން އާ ދެމެދު ދަތުރުތައް ފެށުން ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ”2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބެއިޖިން، ޝަންހާއީ، ޗެންގްޑޫ، އަދި ޝިއާން އަށް ކުރާ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ދަތުރުފަތުރު ކުރުން ފުޅާވެގެންދާނެ“ ކަމަށެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ކުރުމުގެ ގާބިލުކަން ގައުމީ އެއާލައިންގައި ގާއިމުކޮށްދިނުމުގެ ވައުދު ފުއްދަވައި ދެއްވާފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި އައު އެއާކްރާފްޓްތަކުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ތެރޭގައި، އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވުމާއި، ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވުން ހިމެނެއެވެ.
ރައީސް މުއިއްޒު ވަނީ ޗައިނާގެ އިތުރުން، ޔޫރަޕުގެ މަންޒިލްތަކަށް ވެސް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.




