ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ހައްގުތަކުގެ ކަންކަން އިތުރަށް ތަފްސީލުކުރުމެވެ.
މި އިސްލާހުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައަޅާފައިވެއެވެ. އަދި ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކޮށްފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި މި އިސްލާހުގައި، ރާއްޖޭގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަފޯމަންސްތަކާއި އަޑުގެ ރިކޯޑިންތަކާއި، ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އަރައިގަތުމުގެ މައްސަލަތަކުގައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ވެސް ލިއްބައިދީފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުމުގެ އަނެއް މަގްސަދަކީ ކޮޕީރައިޓުގެ ހައްގުތައް ކަށަވަރުކުރުމާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމެވެ.
ރައީސް މި އިސްލާހު ތަސްދީގު ކުރެއްވުމާ ގުޅިގެން، ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.




