އާންމުންގެ މެދުގައި ނަފުރަތު އުފައްދާ އަނިޔާވެރިވުމަށް ހިތްވަރުދޭ ގޮތަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދައްކާފައިވާ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެމްޑީޕީން ދާދިފަހުން ބޭއްވި ހަފްލާތަކެއްގައި ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯތަކެއް އާންމުވެފައިވާކަން ފާހަގަކޮށް ބުނެފައި ވަނީ މި ވާހަކަތަކަކީ އާންމުންގެ މެދުގައި ނަފުރަތު އުފައްދާ އަނިޔާވެރިވުމަށް ހިތްވަރުދޭ ބާވަތުގެ ވާހަކަތަކެއް ކަމަށެވެ.
ކޮމިޝަނުން ބުނެފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ވަރަށް ފުޅާކޮށް ލިބިދީފައިވާ ޙައްޤެއް ނަމަވެސް، މި ޙައްޤުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ގޮތަށް ކަމަށެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި އަދި މީޑިއާ އާއި ސޯޝަލް މީޑިއާގައި ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމާއި މަޞްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުދޭ ގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
އެޗްއާރްސީއެމްއިން ވަނީ މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށް ގޮވާލާފައެވެ.
މީގެއިތުރުން، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފުރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމުކުރާ ހަރަކާތްތަކުގައި އާންމު މަޞްލަޙަތު އިސްކޮށް މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ރޭވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އެޗްއާރްސީއެމްއިން ވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދަވާ ހަރަކާތްތައް ސުލްޙަވެރިކަމާއެކު ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފައެވެ.
ހަމައެއާއިއެކު، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފުމުގައި އެހެން މީހެއްގެ އިންސާނީ ކަރާމާތަށާއި ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން އިސްކުރުމަށާއި، ހަމަނުޖެހުން ހިންގުމަށާއި އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ.




