ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައިފިއެވެ.
އެމްޑީޕީއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ ދޮގުވެރިއެއްކަމަށް ރައްޔިތުން ނިންމައިފިނަމަ، އޭނާ ވެރިކަމުން ބާލަންޖެހޭނެ ކަމަށެވެ.
ގައުމުތަކުގައި ކޮންމެ ފަހަރަކު އިންތިޚާބާ ޖެހެންދެން މަޑުކޮށްގެން ވެރިކަމުން ބަދަލުކުރާ ނިޒާމަކީ ވެސް އޮންނަ ނިޒާމެއް ކަމަށް ފާހަގަކުރެއްވާ މެންބަރު ވިދާޅުވީ އާދަޔާ ޚިލާފަށް އޮޅުވާލައި ދޮގުހަދާ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުން ދައުރު ހަމަނުވަނީސް ވެރިކަމުން ބަދަލުކުރެވޭ ގޮތަކީ ވެސް އޮންނަ ގޮތެއް ކަމަށެވެ.
މެންބަރު މައުރޫފް ސީރިއާ، ބަންގްލަދޭޝް އަދި ސްރީލަންކާގައި ވެސް ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުކޮށްފައިވާ ގޮތުގެ މިސާލު ޖައްސަވާ ވިދާޅުވީ، ”ހަމަ ރަނގަޅު. ރައްޔިތުން އެތިބީ ގަދަކޮށް. ކުށްވެރިއެއް ނުވޭ. އެހެންވީމާ މިރާއްޖޭގައި ވެސް ދައުރު ހަމަވާކަށް ނުޖެހޭ“ އެވެ.
ޤާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
”ގާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭ. ބަދަލު ކުރަން ޖެހޭ. ނުކުންނަންވީ.“ މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިގުދެމިގެންދާ މުޒާހަރާއަކަށް ތައްޔާރުވުމަށް ގޮވާލައްވައި، ވެރިކަން ވައްޓާލައިފައި ނޫނީ ހުއްޓައެއް ނުލާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ”ކޮންމެ ރަށެއްގައި ކޮންމެ ރައްޔިތަކު މުޒާހަރާ ކުރަން ޖެހޭނެ“ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
ހަމައެއާއިއެކު، ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލަށް އިޝާރާތްކޮށް މެންބަރު ވިދާޅުވީ ”ރިސޯޓުތަކުގައި ތިބޭ ދިވެހި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން މުޢިއްޒު މަޖުބޫރު ކުރުވާ ދުވަހު، ވެރިކަން ވައްޓާލާނަން“ ކަމަށެވެ.


