ރިޝްވަތު ނެގުމާއި، ކޮރަޕްޝަން އަދި ޤައުމު ހިންގާ ފަރާތަށްވެހުރެ އާންމު ރައްޔިތުންގެ އިތުބާރު ގެއްލުވާލިކަމުގެ ދައުވާގައި އިޒްރޭލުގެ ބޮޑުވަޒީރު ކޯޓަށް ހާޒިރުކޮށްފިއެވެ.
މިއީ ޤައުމެއްގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުރި މީހަކު، މަގާމުގައި ހުއްޓާ ކޯޓަށް ހާޒިރު ކުރެވުނު ފުރަތަމަ ފަހަރެވެ.
ތެލްއަވީވްގެ ކޯޓަށް އިއްޔެ ހާޒިރުކޮށް، ހަތަރު ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ އެ ޝަރީޢަތުގެ މަޖިލީހުގައި ނަތަންޔާހޫ ވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ. އަދި އެ ދައުވާތަކަކީ އޭގެ އެއްވެސް އަސާސެއް ނެތް، ވަރަށް ތާކުންތާކު ނުޖެހޭ ދައުވާތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަކޮށްފައިވެއެވެ.
ނަތަންޔާހޫ ވަނީ އޭނާއާ ގުޅޭގޮތުން ތުހުމަތު ކޮށްފައިވާ ކަންތައްތަކަކީ އެ ޤައުމުގެ މީޑިއާތަކުގެ ސަބަބުން ތުހުމަތުކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ މީޑިއާތަކަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އެގޮތުން އޭނާ ބުނީ ފަލަސްތީނުން ”ލިބެންޖެހޭ ޙައްޤުތައް“ އިޒްރޭލަށް ހޯދައިދޭން އުޅޭތީ މީޑިއާތަކުން އޭނާއާ ޖައްސާލައިގެން އުޅޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ނަތަންޔާހޫ ބުނީ އިޒްރޭލުގެ ގިނަ ރައްޔިތުން އޭނާއާ އެއްކޮޅަށް ހުރި ކަމުގައިވިޔަސް، މީޑިއާތަކުގެ 98 ޕަސެންޓު އޮތީ އިދިކޮޅަށް ކަމަށެވެ.
”މިކަންކަމާ ގުޅިގެން އަހަރެންގެ ބަސް އިއްވޭތޯ އިންތިޒާރު ކޮށްގެން ހުއްނަތާ ވަރަށް ގިނަ އަހަރުވެއްޖެ. ގުނައިގެން ބުނަންޏާ އަށް އަހަރު މިހާރު ވެއްޖެ އަހަންނާ ދިމާލަށް އުފުލަމުން ގެންދާ މިކަހަލަ ތުހުމަތުތަކަށް ހަނު ހުންނަތާ، އަދި ބަސްބުނަން ރަނގަޅު ވަގުތަކަށް ބަލަބަލާ ހުންނަތާ. އަހަންނަކީ ޤައުމެއް ހިންގާ މީހަކަށްވެފައި، އެތައް ޤައުމަކާއެކީ ހަނގުރާމަ ވެސް ފަށައިގެން އުޅޭތީ، ފުރަތަމަ އިސްކަން ދޭންވީ ކޮންކަމަކަށް ކަމާއި އަހަރެންގެ ޒިންމާތަކަކީ ކޮބައިކަން އަހަންނަށް އިނގޭ“ ކޯޓުގެ ފަނޑިޔާރުންނަށް ޖަވާބުދެމުން ނަތަންޔާހޫ ބުންޏެވެ.
ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ހަމަލާދެނީ ނަތަންޔާހޫ ބާރުގެ ބޭނުން ކޮށްގެން ކަމަށާއި ބާރުވެރި ފަރާތުގެ ގޮތުގައި ދެމިހުންނަން ބޭނުންވެގެން ކަމަށް ބުނެ އެޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ލުބްނާނާއެކު ހަނގުރާމަ ހުއްޓާލަން ސުލްހަވެރި އެއްބަސްވުމެއް ހަދައި، އެއަށް އަމަލު ކުރަން ވެސް ފެށުމަށްފަހު އަނެއްކާވެސް އެ ޤައުމަށް ހަމަލާ ދިނުމުން ނަތަންޔާހޫ އަށާއި އޭނަގެ ސަރުކާރަށް މުޅި ދުނިޔޭގެ ފަޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.



