އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ މެންބަރުން، މަޖިލިހަށް އަލުން ހޮވަން އެ ޕާޓީން އެހީވާން އިގުރާރުވެއްޖެއެވެ.
ޤާނޫނު އަސާސީއަށް މި ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ މެންބަރުންނަށް އަލުން އެ ގޮނޑި ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް އެއްބަސްވެ، ގަރާރެއް ގާސްކުރީ، ރޭގައި އެ ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިހުން ފާސްކުރި މި ގަރާރު ޖަލްސާގައި ހުށަހަޅުއްވައިދެއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދެވެ.
އެގޮތުން އެ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް ހާލަތެއްގައި އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ، އެ މެންބަރަކު އެމްޑީޕީއާ ގުޅިއްޖެނަމަ، އެ މެންބަރަކު އަލުން ވާދަކުރާނަމަ، އިންތިހާބު ކާމިޔާބުކޮށްދޭން އެ ޕާޓީން އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެމްޑީޕީން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން މަޖިލީހަށް އިންތިހާބުކުރުމަށް ގަރާރުގައި އެއްބަސްވެފައިވެ އެވެ.
މީގެއިތުރުން މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމަށް އޮތް މިނިވަން އިހުތިޔާރުވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ބަދަލެއް ކަން ފާހަގަކޮށް، ގާނޫނު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމާ ހަމައަށް ހަރަކާތްތައް ހިންގުމަށް ވެސް އެ ގަރާރުގައިވެ އެވެ.




1 Comment
2019 ގައި 19 ވަނަ މަޖިލީހަށްވެސް ތިގޮތަށް ގޮނޑި ހޮވައިދިން 12 މެމްބަރުން އަދި ފެންނަން ނެތް.