ރާއްޖޭގައި އިންވެސްޓު ކުރެވެންހުރި ދާއިރަތަކާ ގުޅޭގޮތުން އޮމާންގެ ސަރުކާރާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަށް އޮމާންއަށް މިހާރު ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ފިނޭންސް މިނިސްޓަރު ސުލްޠާން ބިން ސާލިމް ބިން ސާޢިދު އަލް ހަބްސީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި އޮމާން އާއެކު ގުޅުން ބަދަހި ކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ އެ ޤައުމުގެ ފިނޭންސް މިނިސްޓަރާއެކު މަޝްވަރާ ކޮށްފައެވެ.
ފޮރިން މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
ރަސްމީ މިދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯދުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާއެކު މިނިސްޓަރު ޚަލީލް ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.




