ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފަށަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މި މަޝްރޫޢުގެ ޕައިލެޓު ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އޭޝާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މިއީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓު އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އަންނަ ޖަނަވަރީމަހުގެ 8 ވަނަ ދުވަހުގެ 11:00 ޖަހާއިރުއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 10ވާ ހޯމަ ދުވަހުގެ 13:00 ގައި މާލީވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
”އެކްސަލަރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ“ (އެޝުއަރ) ޕްރޮޖެކްޓަކީ 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި އެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، 1 ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުާ ނިޒާމު ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މި ނިޒާމުތައް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކޮށް، ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން އެއް ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމާއި، އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް ހިމެނެއެވެ.



