ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ބައެއް ފަރާތްތަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޖެހިންޖެ ނަމަ އެކަން ކުރަން ޕްރޮސެކިއުޓާ ޖެނެރަލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
އެގޮތުން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހޯދަން އެ ކޮމިޓީން މިއަދުގެ ބައްދަލުވުމުގައި ވަނީ އެދިފައެވެ.
މިމައްސަލައިގައި ރައީސް ޞާލިޙުގެ އިތުރުން ދެ ބޭފުޅެއްގެ މައްޗަށް ތަހުގީގު ހިންގަން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އެއީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް އާއި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލްއެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ރައީސް ޞާލިހާއި ޝިޔާމް އަދި ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަށް އަންގަން ފެންނަ ކަމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފުއެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިން ހަ މެންބަރުންގެ އިއްތުފާގުންނެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ކޮމެޓީން މިއަދު ފާސްކުރީ ދައުލަތުގެ އިސް މަގާމެއްގައި ހުރެ ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބުތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާގޮތުންނާއި ނުސީދާގޮތުން ހައްގުނޫން ފަރާތްތަކަށް ހޯދައިދީ އަދި ހޯދައިދިނުމަށް ތުހުމަތު ކުރެވޭތީ ކަމަށާއި ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަން ލިބޭގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.



