މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫންތަކާއި ސްޕާ ފަދަ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޚާއްޞަ އިންސްޕެކްޝަނެއް ފަށައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ފެށި މި އިންސްޕެކްޝަން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މި އިންސްޕެކްޝަންގެ މަޤްޞަދަކީ އާންމުންނަށް ޚިދުމަތްދޭ މިފަދަ ތަންތަނުން ޚިދުމަތްދޭއިރު، ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާ ގޮތް ދެނެގަތުން ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ސެލޫން އަދި ސްޕާ ހިންގާ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެ ކުރިން، ސެލޫންތަކާއި ސްޕާތައް ހިންގުމުގެ ނަމުގައި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގާފައިވާތީ އެ ތަންތަނަށް ކަމާއިބެހޭ އިދާރާތަކުން ވަނީ ފިޔަވަޅު ވެސް އަޅާފައިވެއެވެ. އޭގެ ތެރޭގައި ހަށިވިއްކުމުގެ މައްސަލަތައް ހިމެނޭތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.




