ހިޖާމާ ޖެހުމުގެ ހުއްދަ ދައުލަތުގެ އިދާރާތަކުން ނުދޭ މައްސަލާގައި ”ފަޒީސް ހިޖާމާ ތެރަޕީ“ ގެ ވެރިފަރާތް ފަޒީލާ އުސްމާން އިން ސިވިލް ކޯޓަށް ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލާގައި ފަޒީލާ ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށް، ހައްލުތަކެއް ހޯދައިދިނުމަށް އެދިފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން، ހެލްތު މިނިސްޓްރީން ފުލުހުންގެ މެދުވެރިކޮށް ”ފަޒީސް ހިޖާމާ ތެރަޕީ“ ބަންދުކުރަން އިންޒާރު ދީފައިވާ ކަމަށާއި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުއްދަތައް ނަގައިގެން އެ ޚިދުމަތް ދޭން ފުލުހުން އަންގާފައިވާ ކަމަށް ފަޒީލާ ބުނެފައިވެއެވެ.
ފަޒީލާގެ ދަޢުވާގައި ބުނެފައިވާ ގޮތުގައި، ހިޖާމާގެ ޚިދުމަތް ހުއްޓާލަން ހެލްތު މިނިސްޓްރީން އަންގާފައިވާ އެންގުމަކީ ގާނޫނާ އެއްގޮތަށް އެންގި އެންގުމެއް ނޫނެވެ. އަދި ފުލުހުން އޭނާއަށް އެންގި އެންގުމަކީވެސް ގާނޫނީ އިމުގެ ތެރޭގައި އޮތް އެންގުމެއް ނޫން ކަމަށް މައްސަލާގައި ބުނެފައިވެއެވެ.
ފަޒީލާ ކޯޓުގައި އެދިފައިވަނީ:
– ހިޖާމާގެ ޚިދުމަތް ހުއްޓުވާލުމުގައި މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް
– ހިޖާމާގެ ޚިދުމަތަކީ ހުއްދަ ނަގައިގެން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަން ކަނޑައަޅައިދިނުމަށް
– ހިޖާމާގެ ޚިދުމަތަކީ ހުއްދަ ނަގަން ޖެހޭ ޚިދުމަތެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ނަމަ، އެ ހުއްދަ ނުދީ ހިފެހެއްޓުމުގައި މިނިސްޓްރީން އަމަލުކުރީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް
– މިނިސްޓްރީ އާއި ފުލުހުން އަމަލުކުރި ގޮތުން އޭނާގެ ނަމާއި ކުރަމުންދިޔަ މަސައްކަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް
މީގެ އިތުރުން، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިޖާމާއަކީ ސިއްހީ ޚިދުމަތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައިނުވާ ކަމަށާއި، ރަޖިސްޓްރީކޮށްގެން ދޭންޖެހޭ ސިއްހީ ޚިދުމަތްތައް ކޮންމެ އަހަރަކު އެއްފަހަރު އިއުލާން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރާއިރު، އެކަން މިނިސްޓްރީން ކޮށްފައިނުވާ ކަމަށް ފަޒީލާ ވަނީ ފާހަގަކޮށްފައެވެ.
ފަޒީލާގެ ދަޢުވާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2015 ވަނަ އަހަރު އަމަލުކުރަން ފެށި ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން، ސިއްހީ މަސައްކަތްތެރިން އެ މީހަކު ނިސްބަތްވާ ކައުންސިލްގައި ރަޖިސްޓްރީކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މިހާތަނަށްވެސް އެކަމާ ގުޅޭ ގަވާއިދުތައް މިނިސްޓްރީން ހަދާފައިނުވާ ކަމަށެވެ.
އަދި ހުއްދަ ހޯދަން ޖެހޭ ކަމަށް މިނިސްޓްރީން އަންގަމުންދާތީ، ހުއްދަ ހޯދުމަށް އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދިފައި ނުވާތީ ކަމަށް ބުނެ ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ފަޒީލާ ވަނީ ދަޢުވާގައި ފާހަގަކޮށްފައެވެ.



