މާލޭގެ މަޖީދީމަގާއި ރަށްދެބައި މަގު ގުޅޭ ހިސާބުގައި ހުރި ބަރުބަރީ މިސްކިތް ތަޅާލައި، އެ ބިމުގައި ތިން ބުރީގެ އާ މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުއަކީ ”އަލިސާފު“ ނަމަކަށް ކިޔާ ކުންފުންޏަކުން އެކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އާ މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބުރިއަށެވެ.
ޓެރަސްއެއް ވެސް ހިމެނޭހެން އިމާރަތް ކުރެވޭ މިމިސްކިތުގައި އެއްފަހަރާ 830 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި މިސްކިތަކީ ސަރުކާރުން ހުއްދަ ދީގެން އަޅަން ފަށާފައިވާ ނުވަ މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. މި މިސްކިތްތައް އަޅަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައެވެ. މި ނުވަ މިސްކިތުގެ ތެރޭގައި މާލެ އާއި ހުޅުމާލެ ފޭސް 2 އަދި 3 ގެ އިތުރުން ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ރ. އަލިފުށި އަދި ސ. ހުޅުދޫގައި އަޅާ މިސްކިތްތައް ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު ވަނީ 25 މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައެވެ.




