މަސްވެރިންގެ ދަފްތަރުގައި މަސްވެރިކަމުގެ ލައިސެންސް ދެވިފައިހުރި އުޅަނދުތަކުގެ ތެރެއިން 90 އިންސައްތަ އުޅަނދު މިހާތަނަށް ދަފްތަރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ”މަސްވެރިންގެ ގުންޒަރު“ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ލައިސެންސް ދެވިފައިހުރި އުޅަނދުތަކުގެ ތެރެއިން 90 އިންސައްތަ އުޅަނދު މިހާތަނަށް މަސްވެރިންގެ ދަފްތަރުގައި ދަފްތަރުވެފައިވާ ކަމަށެވެ.
މަސްވެރިންގެ ދަފްތަރާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ދަފްތަރު ވާނީ މަސްވެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ދަފްތަރަކަށް ކަމަށާއި މިދަފްތަރުގެ ސަބަބުން ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ނުކުތުމަށް މަގުފަހިވާނެ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަންބޮޑުވާންޖެހޭ މިންވަރަށް މަސްވެރިންގެ ތެރޭގައި ދިވެހިން މަދު ކަމަށް ދެނެގަނެވިފައިވާކަން ހާމަކުރައްވާ ވިދާޅުވީ މި ސިނާޢަތަށް ދިވެހިންގެ މެދުގައި ޝައުޤު އުފައްދާ، ޒުވާން މަސްވެރިން ސިނާޢަތަށް ނެރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުން މި ސިނާޢަތަށް ޒުވާނުންގެ ހިތުގައި ލޯބި ޖެއްސިދާނެކަން މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ގިނަ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ނުނިކުންނަ އެއް ސަބަބަކީ ބޭންކުތަކުގައި ހުންނަ ތަފާތު ލުއި ލޯން ސްކީމްތައް މަސްވެރިންނަށް ނުލިބުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް ދިމާވަނީ ރަސްމީ ވަޒީފާއެއް އަދާކުރާ ބަޔެއްގެ ގޮތުގައި މަސްވެރިން ދަފްތަރުވެފައި ނެތުމުން ކަމަށެވެ. އަދި މަސްވެރިންގެ ދަފްތަރާއެކު މިކަމަށް ހައްލު ލިބޭނެކަމަށާއި އޭރުން މިސިނާޢަތުން ޒުވާން މަސްވެރިން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”މަސްވެރިންގެ ގުންޒަރު“ ގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ގުންޒަރުގައި 22 ރަށަކުން 43 މަސްވެރިއަކާއި މަސް ޕްރޮސެސްކުރާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.




