ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މާލެ ސަރަހައްދުގައި މިހާރަށް ވުރެއް ހަރުދަނާ ގޮތެއްގައި ޓެކްސީ ހިދުމަތް ދިނުމަށްޓަކައި ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްގެން ޓެކްސީ ހިދުމަތް ދޭން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ސަރުކާރުން މިނިންމުން ނިންމުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ވެސް ބައްދަލުކޮށްފައެވެ.
އިއްޔެ ޑްރައިވާސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއެސޯސިއޭޗަނުން ވަނީ ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް މިހާތަނަށް ހައްލެއް ނުލިބޭތީ، އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
މި ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ ކަމަށް އިއްޔެގެ ބައްދަލުވުމުގައި އެއެސޯސިއޭޝަނުން ބުނެފައިވެއެވެ.
މިއާއިއެކު މިއަދު ހަވީރުން ފެށިގެން ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން ދަނީ ޓެކްސީ ވިޔަފާރިއަށް ވަނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކުރަމުންނެވެ.
މިއިހުތިޖާޖުގައި ޑްރައިވަރުން ދަނީ ޕާކިން ބިލްޑިންތައް ކޮބައިތޯ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތާ މެދު ސުވާލު އުފައްދާ ޝުއޫރުތައް ފާޅުކުރަމުންނެވެ.



