އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުން އެކަމަށް އެދި ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ.
މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަންޖެހޭނީ ސީދާ މިނިސްޓްރީއަށެވެ. ނަމަވެސް ރަށްރަށުގައި ނަމަ ފޯމު ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ. ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ހާފިޒުންނަށް އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ކޮންމެ ރެޔަކަށް އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދެވޭނެއެވެ. އަދި ފައިސާ ދޫކުރާނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދެ ދިވެހިންނަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަން އިޢުލާންކޮށްފައިވާއިރު، މި ދެ މަރުކަޒުގައި ތަރާވީހް ނަމާދު ކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދެ ދިވެހި ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ދެ މަރުކަޒުގައި ތަރާވީހް ކުރާ ހާފިޒުންނަށް ކޮންމެ ރެޔަކަށް 700 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



