ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭސްޓްރޭޓަރުގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީއިން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި މިމަގާމަށް ކުރިމަތިލުމަށް ޝައުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ 10:00 ގެކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިމަގާމަށް ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވުމާއި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭސްޓްރޭޓަރުގެ މަޤާމުގައި ހުންނަ ފަރާތަކަށް 47,500 ރުފިޔާގެ މުސާރައެއް ލިބެއެވެ.
ކުރިން މިމަގާމުގައި ހުންނެވި އައިޝަތު ރިޒްނާ އިސްތިއުފާ ދެއްވުމާ ގުޅިގެން މިމަގާމަށް މީހަކު ހޯދުމަށް ޖޭއެސްސީން އިއުލާންކޮށްފައިވާއިރު، މިއީ މިމަޤާމަށް މީހަކު ހޯދުމަށް އިޢުލާންކުރި ދެވަނަ ފަހަރެވެ.



