ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭރު ފައިސާއާ ބެހޭ ބިލު ދިރާސާކުރުމަށްފަހު ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިދިޔަ ހޯމަ ދުވަހު ކޮމިޓީއަށް ހުށަހެޅި ބިލެކެވެ.
ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ބައެއް މުހިންމު ބަދަލުތަކާ އެކުގައެވެ. އޭގެ ތެރޭގައި ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި، ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދެއްކުމުގެ އިޚުތިޔާރު ދިނުން ހިމެނެއެވެ. ނަމަވެސް މި ލުއި ލިބޭނީ އެމްއެމްއޭއަށް އެކަން ސާބިތުކޮށްދިނުމުން، އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުގައެވެ.
އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސް، ބިލު މަޖިލީހަށް ބަލައިގަނެ، މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 51 މެންބަރުންގެ ވޯޓާއެކުގައެވެ.
މާލިއްޔަތު ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ވެސް ހާޒިރުކޮށްފައިވެއެވެ. މި ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަންޖެހޭ ގޮތަށް އިޚުތިޔާރު ދިނުން ހިމެނެއެވެ.




