ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ އިހުތިޖާޖު ހޫނުވެ، ބައެއް މީހުން ހައްޔަރުކޮށްފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކުރަމުން ދިޔަ އިހުތިޖާޖުގައި ހޫނުވެ ފުލުހުން ވަނީ އެއްބާރުލުން ނުދޭ ޓެކްސީ ޑްރައިވަރުންގެ ކާރުތައް ޓޯކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ހޫނުވީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބެއް ނުދިނުމުގެ ސަބަބުން ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ބަންދު ކުރުމުގެ ސަބަބުންނެވެ.
މީގެ ސަބަބުން ޓްރެފިކް ބޮޑުވެ، މަގު ތޮއްޖެހުމުން ފުލުހުން ވަނީ އިހުތިޖާޖު ރޫޅާލައި، މަގު ހުޅުވުމަށް މަސައްކަތް ކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަނީ މާލެ ސަރަހައްދުގައި މިހާރަށް ވުރެއް ހަރުދަނާ ގޮތެއްގައި ޓެކްސީ ހިދުމަތް ދިނުމަށްޓަކައި ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްގެން ޓެކްސީ ހިދުމަތް ދޭން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ނިންމުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އިއްޔެ ޑްރައިވާސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއެސޯސިއޭޝަނުން ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަށް ހައްލެއް ނުލިބޭކަމަށް ބުނެ، އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.




