ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓު މިހާރު ކޮންޓްރޯލު ވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައިފިއެވެ.
ހައުސިންގް މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ، މިއަދު ހެނދުނު 7:00 ހާއިރުން ފެށިގެން ހިނގި މިހާދިސާގައި އެ މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓު މިނިސްޓްރީ ހުންނަ އިމާރާތުގައި ވެސް ވަނީ އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާފައެވެ.
މިހާދިސާގެ އަދާހަމައެއް ”ސައުވީސް“ އަށް ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓު މިހާރު ކޮންޓްރޯލުވެފައިވާ ކަމަށާއި ނަމަވެސް ރޯވި އިމާރާތްތަކުގެ އެތެރޭގައި އަދިވެސް ހުޅު ހުރި ކަމަށެވެ.
”100 ޕަސެންޓު ކޮންޓްރޯލުވި ކަމަކަށް އަޅުގަނޑުމެންނަކަށް އަދިއެއް ނުބުނެވޭނެ. ސަބަބަކީ އެތެރޭގައި އަދިވެސް ހުޅު ހުރީމަ އިތުރަށް ހަމަ ރޯވެދާނެ ކަމުގެ ފުރުސަތުވެސް އޮތުމާއެކީ. އެއްކޮށް ކޮންޓްރޯލުވާން އަދި ވަގުތު ނަގާފާނެ“ އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ ހައުސިންގް މިނިސްޓްރީ ހުރި މުޅި އިމާރާތުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި މިވަގުތު މަސައްކަތް ކުރަމުންދަނީ ހުޅުގަނޑު އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އާއި ފުލުހުން އަދި އެމްއޭސީއެލްގެ ފަޔަރ ފައިޓާސް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދު މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދު ކުރެވިފައި ކަމަށާއި އެހިސާބުގަނޑުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ކުރެއްވި ކަމަށެވެ.




